ކ.ދިއްފުށީގައި އޭލެވެލް ފެންވަރަށް ކިޔަވައިދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިއްޖެއެވެ.

އެ ރަށު ކައުންސިލުން އެކަމަށް އެދިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިއްފުށި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ހުރާ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި ރަށުގެ ސުކޫލުން އޭލެވެލް ފެންވަރަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށާއި ސިއްހީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދިއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ވަނީ އެކި ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ހޯލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެއަތޮޅު ދިއްފުށީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމަށެވެ.

އަދި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާކުރައްވައިގެން ހައްލު ކުރެވެން ހުރިކަންކަން އެގޮތަށް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.