ތާރާ އަކީ ރީނދޫ ކުލައިގެ ކޮކާލެކެވެ. ރީތި، އެހެންނަމަވެސް ތަފާތު ކޮކާލެކެވެ.

އެކުވެރި އެހެން ކޮކާތައް ރަތް ކުލައިގައި ހުންނާތީ، ތާރާ ވެސް އެގޮތަށް ހުންނަ ނަމައޭ ހިތަށް އަރައެވެ.

އެހެންނަމަވެސް، އެހެން ކޮކާތަކަށާއި، އެކުގައި އުޅޭ ފައިދިގު މަކުނާއި، ގުރާ އަދި ރާމާ މަކުނަށް ވެސް ތާރާގެ ރީނދޫ ކުލައިގެ ފިޔަތައް ވަރަށް ކަމުދެއެވެ. އެކަމަށްޓަކައި އެހައިމެ ތައުރީފު ވެސް ކުރެއެވެ.

އެހެންނަމަވެސް ތާރާ ބޭނުންވަނީ، އޭނާގެ މަންމައާއި ރަހްމަތްތެރި އެހެން ކޮކާތަކެކޭ އެއްފަދައިން ރަތްކުލައިގެ ފިޔަގަނޑެކެވެ.

އެއްދުވަހަކު ތާރާގެ މަންމަ، ތާރާ އުފާ ކޮށްދިނުމުގެ ގޮތުން، އޭތީގެ ފިޔަތަކުގައި ރަތްކުލަ ޖައްސައިދިނެވެ. ތާރާ އެކަމާ ވަރަށް ބޮޑަށް އުފާވިއެވެ. އެ ދުވަހު ސްކޫލަށް ދިޔައީ ވެސް ވަކިން ބޮޑަށް އުފާވެ ހުރެގެންނެވެ.

އެހެންނަމަވެސް ސްކޫލަށް ދިޔަ މަގުމަތީގައި އެއްވެސް މީހަކު ތާރާއަށް ގޮވައިވެސް ނުލިއެވެ. ރާމާ މަކުނާއި ފައިދިގު މަކުނާއި، ގުރާ ވެސް ތާރާއަށް ގޮވައި ނުލިއެވެ. ތައުރީފުގެ  ބަހެއް ވެސް ނުބުންޏެވެ.

ސްކޫލަށް ވަނުމުން ވެސް އެއްވެސް ސަމާލުކަމެއް ނުލިބުނެވެ. ތާރާ އެކަމާ ދެރަވެފައި އިންދައި، މިސް އައިޝާ އައިސް ބުންޏެވެ.

”ތާރާއަށް އެނގޭހެއްޔެވެ؟ ތާރާގެ ހާއްސަ ކަމަކީ، ލިބިފައި ހުރި ރީނދޫ ފިޔަގަނޑެވެ.“

ސްކޫލް ނިމިގެން، ތާރާ ގެއަށް ގޮސް މިސް އައިޝާ ބުނި އެއްޗަކާ މެދުގައި ފުންކޮށް ވިސްނައިލިއެވެ. އެ ދުވަހު ތާރާ ހިތަށް އެރިއެވެ. ދެން ދުވަހަކު ވެސް ގުދުރަތީ ގޮތުން ދެއްވި ސިފަ ބަދަލު ކުރަން މަސައްކަތެއް ނުކުރާނަމެވެ. ކޮންމެ ދިރޭއެއްޗަކަށް ވެސް ދެއްވައިފައި ވަނީ އެންމެ ރީތި ސިފައެވެ. ތަފާތު ވުމަކީ ހާއްސަ ވުމެވެ.