ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ރަނުން ރަނަށް ވައުދުފުޅުތައް ފުއްދަވަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށް، މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުންނެވެ.

ޝިޔާމް ވިދާޅުވީ، ރައީސް މަސްވެރިންނަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާކަން މިކަމުން ސާފުވާ ކަމަށެވެ.

ރައީސް ކ. އަތޮޅަށް ކުރެއްޓި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް އޮންނަ އޮޑިވެރީންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މނިކުފާނުގެ ވައުދެއް ކަމަށެވެ.

އެ ވައުދު ފުއްދުމަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ނުދީހުރި ފައިސާ މިއަދު މިފްކޯއިން ދީފައިވާ ކަމަށެވެ. އެއީ 38 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެހެންވީމާ ބެކްލޮގް ނިމުނީ. އިރާދަ ކުރެއްވިއްޔާ ދެނެއް ބެކްކޮލެއް ނާންނާނެ. އަޅުގަނޑުމެން އިއްޔެ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވާނީ ވަރަށް މުހިންމު އެރޭންޖުމެންޓެއް ހަދާފަ، އެގްރީމެންޓެއް ހަދާފަ. އެއީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ތިންބައިމީހުންގެ އެގްރީމެންޓެއްގަ އިއްޔެ ސޮއިކުރެވިފަ އިންތިޒާމުތަކެއް ހަމަޖައްސައިފިން. އެ އިންތިޒާމުތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގަ އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭ ފައިސާ ޖަމާކުރުމުގެ ކަންތައް އެއޮތީ ހަމަޖައްސައިދީފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ ބީއެމްއެލްގަ އެކައުންޓެއް އޮތް މަސްދޯންޏެއް ވިއްޔާ“ ރައީސް ވިދާޅުވިއެވެ.

ބީއެމްއެލް އިން މި ކަމަށް ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ު