މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ގާނޫނު އަސާސީގެ ދިފާއުގައި ނުކުންނަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި، ރައްޔިތުންނަށް ގެއްލުންވާނެ ގޮތަށް ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން ވިދާޅުވެއްޖެއެވެ.

”ގާނޫނު އަސާސީ“ގެ ދިފާއުގައި އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށްޓަކައި ގާނޫނު އަސާސީއަށް ގެންނާން ޖެހޭ ބަދަލުތައް މި ސަރުކާރުން ދަނީ ގެންނަމުން ކަމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުން އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، މީގެ ކުރިން ވެރިއަކަށް ކުރަން ނުކެރިފައި ހުރި އެތައް ކަމެއް، ގާނޫނު އަސާސީ އަށް މިހާރު އެ އިސްލާހުތައް ގެނެވިފައި ވަނީ.“ އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ، ކޮންގްރެސް ޕާޓީން މިހައިތަނަށް ގާނޫނަށް އެތައް އިސްލާހެއް ގެނެސްފައިވާއިރު، ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް އިސްލާހެއް ގެނެސްފައިނުވާނެ ކަމަށެވެ.

އެގޮތުން އެންޓި ޑިފެކްޝަން ގާނޫނަށް އަލިއަޅުވައިލައްވައި، އެ ގާނޫނަކީ ރައްޔިތުން ބޭނުންވާ ގޮތަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން މެމްބަރުން ހޮވަނީ ވަކި ފިކުރަކަށް ބަލައިގެން ކަމަށާއި، މެމްބަރު ކަމުގެ ދައުރު ނިމެންދެން އެ މެމްބަރަކު އެ ފިކުރެއްގައި ހުރުމަށް ރައްޔިތުން އެދޭ ކަމަށެވެ. ނަމަވެސް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގޮނޑި ވިއްކާލާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.