ކޮންމެ މޭވާއަކުން ވެސް ސިއްހަތަށް އެތައް ފައިދާއެއް ލިބެއެވެ.
މި ލިޔުމުގައި މި ހިމަނާލަނީ އަނބުން ލިބޭ ސިއްހީ ބައެއް ފައިދާއެވެ. އަނބަކީ ވިޓަމިން އޭ ގިނަ މިންވަރަކަށް އެކުލެވޭ މޭވާއެކެވެ.
އަނބެއް ކާލައިގެން ދުވާލަކު ހަށިގަނޑަށް ލިބެންޖެހޭ ވިޓަމިން އޭގެ 25 އިންސައްތަ ލިބޭނެއެވެ. މީގެ ސަބަބުން، ލޮލުގެ ފެނުން ރަނގަޅުވެ، ލޯ ކުރަކިވުމުން ދުރުކޮށްދެއެވެ.
އަނބުގައި ވަރަށް ގިނަ ވައްތަރުގެ ފީނޮލިކް ކަމްޕައުންޑްތައް ހުރެއެވެ. އޭގެ ތެރޭގައި “ކްއެރެސްޓިން” ، “އައިސޯކްއެރެސްޓިން”، “އެސްޓްރެގެލިން”، “ފިސެޓިން”، “ގެލިކް އެސިޑް”، އަދި “މީތައިލް ގެލޭޓް” ހުރެއެވެ.
މީގެ އިތުރުން ވަރަށް ގިނަ އެންޒައިމްތައް ހުރެއެވެ. މިހުރިހާ މާއްދާތަކެއް ގައި ވެސް ކެންސަރުން ރައްކާތެރިވުމުގެ ބާރު ހުރެއެވެ.
ފަސޭހައިން ފެނަށްގިރޭ ފައިބަރުގެ ވައްތަރެއް ކަމުގައިވާ “ޕެކްޓިން” ވެސް އަނބުގައި ހުރެއެވެ. ފައިބަރު ގިނައިން ކެއުމުގައި ހިމެނުމާއި، ހަޖަމުކުރާ ނިޒާމްގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަވުމާއި ދެމެދު ގުޅުމެއް ވާކަމަށް ސައިންސްވެރިން ވަނީ ހޯދާފައެވެ.
ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ 76 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ވެސް ބާރުގަދަ އެންޓި އޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދީ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކޮށް، މުސްކުޅިވުން ލަސްކޮށްދެއެވެ.
ހަޖަމު ކޮށްދިނުމަށް އެންމެ ބޮޑަށް އެހީވެދޭ މޭވާއަކީ ފަޅޯ ކަމަށް ހީކުރާ މީހުން ގިނައެވެ. ނަމަވެސް އަނބަކީ ވެސް ހަޖަމުކުރުމަށް ފަސޭހަކޮށްދޭ މޭވާއެކެވެ. ހަޖަމުކުރަން ފަސޭހަ ކޮށްދެނީ އަނބުގައި އެކުލެވޭ ފައިބާގެ ސަބަބުންނެވެ.
އަނބު ގަހުގެ ފަތަކީ ވެސް ފައިދާ ލިބޭ އެއްޗެކެވެ. އެގޮތުން މި ގަހުގެ ފަތް ފެނު ކެއްކުމަށްފަހު، ފުރާނައިގެން ހެނދުނު ބޯލުމަކީ ފައިދާ ހުރި ކަމެކެވެ. އެއީ ހަށިގަނޑުގެ ހަކުރު ލެވެލް އެއް ހަމައެއްގައި ބެެހެއްޓުމަށް އެހީވާނެ އެއްޗެކެވެ.

