އިއްޔެ މ.ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ކުރަމުންދަނީ ބައެއް ކުންފުނިތަކާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. ތިން މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި، އިންފްރާންސްޓަކްޗަރ މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ހިންގާ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ މިނިސްޓްރީތަކުގެ ޚިދުމަތް ވަގުތީ ގޮތުން ވަނީ މެދުކެނޑިފައެވެ.

ދަރުބާރުގެއަކީ ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެކި ބޭނުންތަކަށް އަބަދުވެސް ބޭނުންކުރަމުން އައި އިމާރާތެކެވެ.

މި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ހިންގި މާލެ ސިޓީ ކައުންސިލުގެ ބަޔަކަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ރޯވި އިމާރާތުގައި ހުރީ ކައުންސިލުން ބަލަހައްޓާ މާލޭ ރައްޔިތުންގެ އުފަން ރިކޯޑާއި ރަށްވެހިކަމުގެ އެކި ބާވަތުގެ ސެޓްފިކެޓާއި ގޯތި ގެދޮރުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީއާއި އިމާރާތުގެ ހުއްދަތައް ފަދަ ލިޔެކިޔުންތައް ކަމަށް އެ ކައުންސިލުން ބުންޏެވެ.