އދ.މާމިގިލި ހޮސްޕިޓަލު ތަރައްގީ ކުރުމުގެ މަޝްރޫއު މި އަހަރު ފައްޓަވާނެކަމަށާއި އެ ރަށު ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނގެތި ކައުންސިލްގެ އިދާރާގައި މިރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާވކުރައްވާފައެވެ.

އެގޮތުން ހޮސްޕިޓަލު ތަރައްގީ ކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ އިން ވަނީ އެބޭފުޅުންނަށް އެލަވެންސް ދިނުމާއި އެކަންކަމާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމިގިލީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީތަކަށް ބޭނުންވާކަންކަން ކޮށްދެއްވާނެކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދިއުމަށް ކުރައްވާނެ ކަންކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ކުރިއަށްގެންދާނެކަމުގައި ވިދާޅުވެފައެވެ.