އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ މައްސަލަ ބެލުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Asuru

ޑރ މުއިއްޒު މިފަދައިން ގޮވާލައްވާފައިވަނީ އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހަކު ބޮޑުކަމު ދިޔަ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިސްކިތަށް ކުޑަކަމު ގޮސް، ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކަނޑާ ކޮންމެ މީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ހެދުމަށްފަހު އެމީހާއާއި ދޭތެރޭގައި ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި މިސްކިތްތަކުގެ ހުރުމަތް ކެނޑުން ނިނުމަކަށް ގެނައުމަށް، އެފަދަ ކަންތައްތައް ކުރާ މީހުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް މޭޔަރު ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ ފެންމަތިވީއިރު، މީގެ ކުރިންވެސް ވަނީ މި ފަދަ މައްސަލަތައް ފެންމަތިވެފައެވެ.އެގޮތުން މިސްކިތަށް ކުޑަކަމު ދިޔަ މައްސަލައަކާއި، ހަތިމަށް ކުޅު ޖެހި މައްސަލައެއްގެ އިތުރުން ބަރަހަނާ ހާލުގައި މިސްކިތަށް ބިދޭސީއަކު ވަތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މިފަދަ މައްސަލަތައް ސަރުކާރުން ”ސީރިއަސް“ކޮށް ނުނަގާތީ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.