ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ވޭޕް ބޭނުންކުރާ ނަމަ، ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއްވައިފިއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް، ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އެކަކު އަނެކަކަށް ދޭ މީހުންނާ މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށެވެ.

މީގެއިތުރުން މިފަދަ އާލާތްތައް ބޭނުން ކުރާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޖޫރިމަނާ ކުރެވޭ މީހުންގެ ފޯނުތަކަށް ކުރު މެސެޖެއް ފޮނުވަމުންދާނެ ކަމަށާއި މެސެޖްގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައިވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ހުރިހާ އެންމެން ވެސް ފުރިހަމައަށް އަމަލު ކުރުމަށާއި ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން ފުލުހުން ބުނީ، އެންމެންގެ އަމާޒަކަށް ވާން ވާނީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުން ކަމަށެވެ.