އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލެވުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި، އޭނާ ހޯދުން ހުއްޓައިނުލާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ ފަޅުވެރިޔާ ހޯދުން މެދުކަނޑާލި އިރު، އޭނާ ހޯދުމަށް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު 304 ނޮޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އަދި އިއްޔެ ފުވައްމުލަކު ސިޓީ ވަށައިގެން ބަލާފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެމްއެންޑީއެފުން ރޭ ބުނީ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލެވުނު ކަމަށް ކުރިން ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ.

އަދި އެކަމަށް ވަނީ މާފަށް އެދިފައެވެ.

”ސީމެކްސް“ ނަމަކަށް ކިޔާ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރާޖް ކުމާރު ގެއްލިފައިވާކަމުގެ މައުލޫމާތެއް ލިބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކު ސިޓީއާ 8 މޭލު ކައިރިން ކަމަށް ފުލުހުން ބުންޏެވެ.