ބިޑް އުސޫލާ ހިލާފަށް ހުޅުމާލެއިން ބިން ވިއްކި ވާހަކަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކުމަށް އިއުލާން ކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް، އެޗްޑީސީގެ އިތުބާރު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާންކުރުމާ އެކު، ހުޅުވާލާފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެޗްޑީސީން ބުނެއެވެ.

ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި އެ އަށް ފަހު އީއޯއައި ހުށަހަޅާ މީހުންނަށް ބިޑް ކުރުމަށް ހުޅުވާލާ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑް ކުރުމަށް ކަނޑައެޅި ވަގުތު ނިމޭއިރު، އެންމެ މަތީ އަގު ހުށަހެޅި މީހާ އަށް ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

”ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާން ކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައެވެ. ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓުތަކެކެވެ.“ އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން މިހެން ބުނިއިރު، ”ބިންވެރިޔާ“ ސްކީމްގެ ދަށުން އުސޫލާ ހިލާފަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.