މިދިޔަ މަހު ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 31 އަހަރުގެ ފިރިހެނަކު ރަހީނުކުރި މައްސަލައިގައި ހިޔާ ޓަވަރެއްގެ 20 ވަނަ ފަންގިފިލާގައި ކަން އެނގުމުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ 12 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރީ މަސްތުވާތަކެތީގެ ވިޔަފާރީގެ ދެބަސްވުމަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ ރަހީނުކޮށްފައިވާ ފުލެޓަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން މި މައްސަލައިގައި ފުލެޓުގެ ވެރި މީހާ ވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.