އަޒަރުބައިޖާންގެ އަކްތާއު ކައިރިއަށް މަތިންދާ ބޯޓެއް ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އަޒަރުބައިޖާނުގެ ރައީސް އިލްހާމް ހެއިދަރު އޮގްލޫ އަލިޔެވް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، އަކްތާއު ކައިރީގައި މިއަދު ހިނގި ހިތާމަވެރި މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވެ، ޒަޚަމްވި ކަމުގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި އެމަނިކުފާނު ފޮނުއްވި މެސެޖުގައި، އަޒަރުބައިޖާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަކިން ހާއްސަކޮށް މި ހާދިސާއަށްފަހު ސަލާމަތްވި މީހުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައި، މި ހާދިސާގައި މަރުވި މީހުންނަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސް ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.