އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު(މުންދު) ކަންބޮޑުވުންފާޅުކުރައްވަފިއެވެ.

Ads by Asuru

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދު ކޮށްދިނީ އެއް ދުވަހަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު، މިކަމާ ގުޅިގެން ވިދާޅުވީ ބަންދުގެ މުއްދަތު ހަމަވުމާއެކު އިއްޔެ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މުންދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ އިންޑިއާއަށް ނިސްބަތްވާ މީހަކަށް ވުމުން، މިފަހަރު މޮޔައަކަށްވާކަށްވެސް ނުޖެހުނު ކަމަށެވެ.

”އެންމެ ދުވަހަކަށް މުއްދަތު ޖަހާފަ، އިތުރު ކުރަން ހުށަނާޅާ ދޫކޮށްލީ ކީއްވެތޯ އެހި ނޫސްވެރިޔާ މާކޮސް. ޕާސްޕޯޓް ބަލާފަ ވިސްނެންވާނެދޯ އެއީ ވަކި ގާނޫނެއް ހިނގާ މީހެއްކަން. އަހަން ޖެހޭތަ؟“ އޭނާ ސުވާލު އުފެއްދެވިއެވެ.

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ މިފަދަ އަމަލުތަކެއް ހިންގާފައިވެއެވެ. އަދި މިފަދަ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރި މީހުން މީގެ ކުރިންވެސް ވަނީ ދޫކޮށްލާފައެވެ. މިކަމާ ގުޅިގެން އާއްމުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.