ދިވެހިރާއްޖޭގެ ވެރިކަން ވައްޓައިލަން އިންޑިއާއިން ފައިސާ ނުދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓައިލަން ރާވައި، އެކަމަށް އިންޑިއާގެ މާލީ އެހީތެރިކަން ހޯދަން މަސައްކަތް ކުރި ކަމަށް އެމެރިކާގެ މަޝްހޫރު ނޫސް ”ވޮޝިންޓަން ޕޯސްޓް“ އިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ވޮޝިންޓަން ޕޯސްޓުގައި އޮތް އެ ރިޕޯޓު އެމަނިކުފާނު ވެސް ޝައުގުވެރިކަމާއެކުގައި ވިދާޅުވެފައިވާނެ ކަމަށާއި ރައީސްއާ ދެކޮޅަށް ރޭވުމެއް ރޭވިކަމުގެ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބައެއް މީހުން އަބަދުވެސް މަސައްކަތް ކުރަނީ ދެކޮޅުވެރިކަމުގެ ރޭވުންތައް ރާވައި އެކަންކަން ހާސިލު ކުރެވޭތޯއެވެ.

ރާއްޖޭގެ ވެރިއަކު މަގާމުން ދުރު ކުރުމަށް ނުވަތަ ވެރިކަން ވައްޓާލަން އިންޑިއާ އިން މަސައްކަތްކޮށްފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

”އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އެއްބާރުލުންދޭ. އިންޑިއާ އިން ދުވަހަކު ވެސް ރާއްޖެއިން ކަންކުރަންވީ ގޮތް އަންގާފައެއް ވެސް ނުވޭ،“ ނަޝީދު ވިދާޅުވިއެވެ.

ވޮޝިންޓަން ޕޯސްޓުގައި އާއްމު ކުރި ރިޕޯޓެއްގައި ބުނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ، ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަށް ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވްގެ ނަމުގައި ޕްލޭނެއް ހަދާފައިވާ ކަމަށް ބުންޏެވެ.

މިގޮތުން މިކަމަށް މަގުފަހި ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިސަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.