ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނިގެންދަނީ، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ މެމްބަރަކަށް ހިޔާނާތުގެ ތުހުމަތު ކުރެވުނުކަމުގައި ވިޔަސް، އެކަމެއް ބަލައި ފިޔަވަޅު އަޅާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިފާން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ކޮރަޕްޝަނުގެ އެކި މައްސަލަތައް ފެންމަތިވެގެންދިޔައިރު، އެ މައްސަލަތައް އޭރުގެ ސަރުކާރުން ބަލާފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން، އެފަދަ ތުހުމަތެއް އަމިއްލަ ޕާޓީއަށް ނިސްބަތްވާ ފަރާތަކަށް ކުރެވުނު ކަމުގައި ވިޔަސް، ނުބަލައި ދޫކޮށްނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެކަންކަން ބައްލަވާ މަންޒަރު މި ފެންނަނީ، ރައްޔިތުންގެ ފައިސާ އަށް މި ސަރުކާރުން ހިޔާނާތްތެރިއެއް ނުވާނެ“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވަމުން ގެންދަވާނެ ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އައިފާން ވިދާޅުވީ ރައީސް މުއިއްޒުއަކީ ބަހާއި އަމަލު ދިމާވާ ވެރިއެއްކަން ރައްޔިތުންނަށް މިހާރު ވެސް ފެނިގެންދާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވިއިރު، ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ އެކި ފަރާތްތަކުގެ މައްސަލަތައް ދަނީ ބަލަމުންނެވެ.

