ކެލިފޯނިއާގައި ކުޑަ މަތިންދާބޯޓެއް ވެއްޓި، ދެ މީހުން މަރުވެއްޖެއެވެ.
މި މަތިންދާބޯޓު ވެއްޓުނީ، ލޮސްއެންޖަލަސްއާ 26 މޭލު އިރުދެކުނުން އޮންނަ ފުލާޓަން ސިޓީގެ ވެއާހައުސްއަކަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު 10 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު، 08 މީހަކަށް ސީނުގައި ފަރުވާދީ، ދޫކޮށްލައިފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މަތިންދާ ބޯޓު ވެއްޓުނީ އެ ތަނުގެ ގަޑިން 2:30 ހާއިރު، އިމަޖެންސީކޮށް ފުލާޓަން މުނިސިޕަލް އެއާޕޯޓުގައި ބޯޓު ޖެއްސުމަށް ޕައިލެޓު އެދުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ.
މި ހާދިސާއާ ގުޅިގެން، ބޯޓު ވެއްޓި ޖެހުނު އިމާރާތުން 100 މީހުން ނެރެ، ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވެއެވެ.
ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

