ބޯކޮށް ވާރޭ ވެހުމާއެކު، ފެންބޮޑުވެ، ގުގުރާނެ ކަމަށް ލަފާކޮށް، ބ.އަތޮޅުން ފެށިގެން ތ އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ، އެލާޓުގެ ވަގުތަކީ، 15:00 އިން ފެށިގެން މިރޭ 19:00 އަށް ކަމަށެވެ.
މީގެ ގަޑިއެއްހާއިރު ކުރިން، މެޓުން ވަނީ، ބ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. މި އެލާޓު ނެރެފައި ވަނީ، ބޯކޮށް ވާރޭ ވެހި، ގުގުރައި، ވިލާގަނޑުގައި، ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށެވެ.
ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް މިހާރު ކުރަމުންދާއިރު، މެޓުން ބުނީ، ހޮނިހިރު ދުވަހު ރާއްޖެއަށް މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ.
މި ދުވަސްވަރު ދަތުރު ކުރުމުގައި ސަމާލުވުމަށާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިފާނެތީ ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

