ބޯކޮށް ވާރޭ ވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، މަގުތަކުން ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވުމަށް ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.

ފުލުހުން މިރޭ ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުގެ ބައެއް ގޭގޭގެ ތެރެއަށް ފެން ވަނުމުގެ ހާދިސާތައް ވެސް ހިނގަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުުއްވުމަށް އެދޭ ކަމަށެވެ.

އަދި ޒަރޫރީ ހާލަތުގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބޯކޮށް ވާރޭ ވެހި، ގުގުރައި، ފެން ބޮޑު ވާނެ ކަމަށް ލަފާކޮށް، މިރޭ 11 ޖެހުމާ ހަމައަށް ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ އޮރެންޖު އެލާޓް ވެސް ނެރެފައެވެ.

މި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، މާލެއަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 160 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

އެންމެ ބޯކޮށް ވެހުނީ މިއަދު ހަވީރު 5-6 ދޭތެރޭގައި ކަމަށާއި އެއީ 60 މިލިލިޓަރުގެ ވާރޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރަކީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.