މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް ކުރި ގިނަ ރަށްތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މާލޭގެ އިތުރުން، އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދާ ރަށްތަކަކީ ކ.ގުރައިދޫ، ކ.ހުރާ، އަދި، ށ.ނަރުދޫއެވެ.

މާލޭގެ ބޮޑެތި ހުރިހައި މަގުތައް ވެސް މިހާރު ވަނީ އާއްމު ހާލަތަށް ގެނެވިފައެވެ.

މާލޭގެ މަގުތަކުން މިހާރު ވަނީ ފެން ހިންދައިފައި

އިއްޔެ މާލޭގެ މަގުތަކުގައި ފެންބޮޑުވީއިރު، ގަޑިއިރެއްގެ ތެރޭގައި މާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މިއީ ރެކޯޑެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ފުލުހުންނާއި އެމްއެންޑީއެފުން މަސައްކަތް ކޮށްފައިވެއެވެ.

އަދި އެމްޕީއެލްގެ މުވައްޒަފުން ވެސް ފެން ހިންދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ، ފެށޭ ހަފްތާގެ ހޯމަ ދުވަހުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރެއެވެ.