ހަށިވިއްކަމުން ދިޔަ އިތުރު ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އެ އިދާރާއިން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރިހެނަކު އަތުލައިގެންފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ރަޝިއާގެ ދެ އަންހެނަކާއި ޔުގަންޑާގެ އަންހެނެކެވެ. ބަންގްލަދޭޝްގެ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ފިރިހެނުންނެވެ.

އަދި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފަހު ދެ އަންހެނަކު މިހާރު ޑީޕޯޓުކޮށް އަނެއް ފަސް މީހުން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް އެކި ފަހަރު މަތިން ހަށިވިއްކުމުގެ ތެރޭގައި އުޅުނު އެތައް ބަޔަކު އަތުލައިގެންފައިވެއެވެ.