ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި މަޝްރޫއުއަކީ ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ރާއްޖެއާ ޗައިނާއާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެއްވި ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫޢުގެ ތެރެއިން، ކަރަންޓުގެ ހިދުމަތްދިނުމުގެ ނެޓްވޯކް ގާއިމުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅިފަޅުގައި ޤާއިމުކުރުމާއި، ޑީވޯޓަރިންގ ސިސްޓަމް ގާއިމުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ގިގަބިޓް އީތަރނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް ގާއިމުކުރުމާއި، އަދި ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.
މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުއްތަލިބްއެވެ.
ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއާން ހައޯޖޫންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވީ މިއަދު ސޮއި ކުރެއްވި މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަމަށެވެ.
އަދި މި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ތަރައްޤީއަށް އިސްކަން ދެއްވާނެކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

