މި އަހަރަކީ މަސްވެރިންނަށް ވެފައިވާ ވައުދުތަކުގައި ކުލަ ޖެހިގެންދާނެ އަހަރު ކަމ‏ަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ މަސްވެެރިން ގިނަ ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވިއިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަމާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެެރި ކޮމިއުނިޓީ ތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަން ކަމަށެވެ.

އަދި ރައްޔިތުން ރައީސަށް އަރުވާ ހިޔާލުފުޅުތައް ރައީސްވެސް ވަރަށް ބޮޑަށް ޤަބޫލުފުޅު ކުރައްވާކަން ފާހަގަކުރެއްވުނު ކަމުގައި ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރަކީ މަސްވެރި ސިނާޢަތުގެ ތަރައްގީގެ ރައީސްގެ އެންމެ މުހިއްމު ވަޢުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު.“ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރައީސް މުއިއް‏ޒުގެ ދަތުރުފުޅުގައި ހުވަދު އަތޮޅު ދެކުނުބުރީގެ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫގެ ރައްޔިތުން ރައީސަށް ވިދާޅުވި ހޫނު މަރުޙަބާ އަދި ދެއްވި ފުރިހަމަ މެހުމާންދާރީ އާ ބެހެއްޓެވި ގާތްކަމަށް ހިތުގެ އިޚުލާސްތެރި ޝުކުރު ދަންނަވައިފައެވެ.