ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން 2018 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުމެ ކެމްޕެއިން ކުރަމުންދިޔައިރު، އެންމެ ހަރު އަޑުން ދެއްކި އެއް ވާހަކަ އަކީ އިންސާފުގެ ވާހަަކައެވެ. އިންސާފުގެ ދަތުރެއްގެ ވާހަކައެވެ. އެމްޑީޕީ ނޫން ބަޔަކަށް ވޯޓު ދީފިނަމަ، އިންސާފު ގެއްލޭނެ ވާހަކައެވެ. އިންސާފު ދަންނަނީ ހަމައެކަނި އެމްޑީޕީންނޭވެސް ބުނަމުން ދިޔައެވެ.

Ads by Asuru

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ހަތަރު އަހަރުވާން ކައިރިވީއިރު، މި ކިޔާ އިންސާފަކީ ކޮބައިކަން ރައްޔިތުންނަށް މިހާރު އޮންނާނީ ސާފުވެފައި ކަމަށް ދެކެމެވެ. މޮޅު މީހާއަށް މޮޅު ގޮތެވެ. ދެރަ ނިކަމެތި މީހާއަށް އަބަދުވެސް ދެރަގޮތެވެ. ރިހާކުރުފުޅިއެއް ވަގަށް ނަގާ މީހާ، ހަ އަހަރު ދުވަހަށް ކުޑަގޮޅިއަށް ލެވޭއިރު، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް އަދަބުދެވޭތަނެއް ނުފެނެެެއެވެ. ބްލޮގަރ ޔާމީން ރަޝީދާއި، ގެއްލުނު ނޫސްވެރިޔާ ރިލްވާނަށްވެސް އިންސާފެއް ނުލިބުނެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ފާހިޝް އަމަލު މި ކުޑަކުޑަ މުޖްތަމައުގެ ތެރޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުން އަންނައިރު، ”ރޯޔަލް ބޭފުޅުން“ މި ނުބައި ފާފަައަށް އަރައިގަތުމުން، ލިބޭ އަދަބަކަށް ވެފައި މިވަނީ، ގޭގެ ފިނިކޮޓަރީގައި އަރާމު ކުރުމެވެ.

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮއަށްވީތީ، ނާޒިިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަަމަށް އެއްބަސްވެ، ތައުބާވިކަމަށް ބުނުމުން އޭނާ އެންމެ ތިން މަސް ދުވަހަށް ގ.ކެނެރީ ގޭގެ ފިނި ކޮޓަރިއަށް ލީއެވެ. ދެންވެސް ބުނަންވީ ފަނޑިޔާރުގެއަށް ނުފޫޒެއް ހަަމަ ނެތޭ ހެއްޔެވެ؟

 

ނާޒިމް ސައްތާރު– އޭނާއަށް ދިނީ ލުއި އަދަބެއް– ފޮޓޯ/ މިހާރު

 

އިސްލާމީ މަރުކަޒު ގޯތި ތެރެއަށް ބޮޑުކަމުގޮސް، އެތަނުގެ ހުރުމަތް ކަނޑާލި ބިދޭސީ މީހާއަށް އެއްވެސް އަދަބެއް ނުލިބުނެވެ. ދީނަށް ފުރައްސާރަ ކުރާ އެތައް ބަޔަކު މިނިވަންކަމުގައި އެމީހުން ބޭނުން އެއްޗެއް ކިޔަނީއެވެ. އެމީހުންގެ މައްޗަށް ގާނޫނެއް ނުހިނގައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާގައި އޮންނަނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެން ވަނީ ރާއްޖޭގެ ކޯޓުތަކަށް ކަަމަށެވެ. އެއީ ދައުލަތަށް ލިބިގެންވާ ބާރެއް ނޫނެެވެ. އަދި ކޮންމެ މީހެއްގެ މައްޗަށްވެސް ހަމަހަމަކަމާއެކު ގާނޫނު ހިނގަންޖެހެއެވެ.

އިއްޔެވެސް އަޑު އިވިގެން މިދިޔަ ވާހަކަ އަކީ ”އިންޑިއާ އައުޓް“ ސްޕްރޭ ކޮށްލި މީހަކު ޖަލު ގޮޅިއަށްލާން ހުކުމް ކުރި ވާހަކައެވެ. މި މައްސަލައިގައި ނ.މިލަދޫއަށް ނިސްބަތްވާ މީހަކު އެއްމަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

 

ރައީސް ނަޝީދުގެ އާއިލީ ގެ، ގ.ކެނެރީ ގޭގެ ފާރުގައި އިންޑިއާ އައުޓް ލިޔެފައި–

 

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ”ތަންމިނަށް“ ހުޅުވާލެވިފައިވާ ކަމަށް ބުނި ސަރުކާރަށް ”އިންޑިއާ އައުޓް“ ލިޔެފައިވާ ބެނާއެއްވެސް، ބޯޑެއްވެސް، ގަނޑެއްވެސް ހަޖަމެއް ނުވީތާއެވެ.

އެކަމަކު ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ކަޅާއި ހުދުން ލިޔެފައިވަނީ މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ހިލާފު ނުވާ ގޮތެއްގެ މަތިން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، މި އަސާސީ ހައްގުވެސް ވަނީ ހަނިކޮށްފައެވެ.

ގާނޫނަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް ވައުދުވީއިރު، ފެނިގެން މިދަނީ އޭގެ އިދިކޮޅު ނޫންހެއްޔެވެ؟ ފިލްމުގެ އަޑާއި މަންޒަރު ދިމަލެއް ނުވޭ ނޫންހެއްޔެވެ؟