ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ޗައިނާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދެއްވައިފިއެވެ.
ޗައިނާގެ ސަރުކާރުން މި ޔަގީންކަން ދެއްވީ، ސީޕީސީ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ފޮރިން މިނިސްޓަރު ވާންގް ޔީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުން އޮތީ ހުކުރު ދުވަހުގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަޒީރު ވާންގް ޔީއަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގައި ހޭދަކުރައްވާ ވަގުތުތަކަކީ އުފާވެރި ވަގުތުތަކަކަށްވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި، ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވައި ޗައިނާއިން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު އެމަނިކުފާން ފާހަގަކުރައްވާފައިވެއެވެ.
އަދި، ނިމިދިޔަ އަހަރުގެ ޖަނަވަރީގައި ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުުރުފުޅަކީ މި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި، ރައީސް ވަނީ ހިނގަމުންދާ މަޝްރޫޢުތަކާއި ދެޤައުމުގެ މެދުގައި އެއްބަސްވެވިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި، ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫޢުތައްކަމަށާއި، އެ މަޝްރޫޢުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވައި އިޤްތިޞާދު ސިންދަފާތުކުރުންކަމަށާއި، އެހެންކަމުން މިދާއިރާތަކުން ޗައިނާގެ އިތުރު އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ޚާރިޖީ ވަޒީރު ވާންގް ޔީގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަކީ ޗައިނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޗައިނާއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވާންގް ޔީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަމަށް ތަޢުރީފްކުރައްވާފައެވެ. އަދި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ވަޒީރު ވާންގް ޔީ ވަނީ އަރުވާފައެވެ. މީގެއިތުރުން ޚާރިޖީ ވަޒީރު ވަނީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖެއިން ”ވަން ޗައިނާ“ ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ރާއްޖެ- ޗައިނާ ގުޅުމަކީ ޤައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްޤީއާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

