އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

އެލްއޭގައި މިހާރު ވެސް ކޮންޓްރޯލެއް ނެތި، ހަތަރު އަލިފާންގަނޑެއް ރޯވެ އަނދަމުން އެބަދެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޕެލިސޭޑްސް އަލިފާންގަނޑުގެ ސަބަބުން މަރުވި 5 މީހަކާއި، އީޓަން އަލިފާންގަނޑުގައި މަރުވި 11 މީހެކެވެ.

ައަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ހުރިހައި ވަސީލަތެއް ބޭނުންކުރަމުންދިޔަނަމަވެސް އެކަމަށް ވަނީ ނުކުޅެދިފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާދަޔާ ހިލާފު ގަދަ ވަޔެވެ.

ވައި މަޑުވުމުން ނޫންގޮތަކަށް އަލިފާންގަނޑު މައިތިރި ނުކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީބީސީގެ އެންމެ ފަހުގެ އަޕްޑޭޓުގައިވާ ގޮތުން، އެލްއޭގެ އަލިފާންގަނޑު އައު ސަރަހައްދުތަކަށް ފެތުރިގެން ދިޔުމުގެ ބިރުވެރިކަން އުފެދިފައިވާއިރު، ގެދޮރު ދޫކޮށް، ސަލާމަތް ހޯދުމަށް އެހެން ހިސާބުތަކަށް ދާން ޖެހިފައިވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ކެލިފޯނިއާގެ ހަނަފަސް ހިސާބުތަކުގައި އާންމު ގޮތެއްގައި އަލިފާން ރޯވަނީ ޖޫން، ޖުލައި މަސް ހިސާބުގައެވެ. ނަމަވެސް މިފަހަރު މި ކާރިސާއާ ކުރިމަތިލާން މި ޖެހުނީ، ފިނި މޫސުމުގައެވެ.