ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވާ ތާރީހީ ދަތުރުފުޅުގައި މިރޭ ފުރާވަޑައިގެންފިއެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ މި ދަރުތުފުޅު މިރޭ ފައްޓަވާފައިވާއިރު، މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމާއި ޑިޖިޓަލް އަދި ސައިބަރ އަދި އީ- ގަވަރނަންސް ދާއިރާއިން އަދި މޫސުމާ ތިމާވެއްޓާއި، ގުޅުން ހުރި މައްސަލަތަކާއި ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމެވެ.
ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގަންނަވަނީ އެގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށެވެ.
އެގޮތުން. މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރައީސް އެގައުމުގައި މަޑުކުރައްވާނެއެވެ.
އެސްޓޯނިއާ އަކީ ޑިޖިޓަލް ރޭންކިން އަށް ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ، ޓެކްނޮލޮޖީގެ ގޮތުން ޔޫރަޕްގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެކެވެ.
ރައީސްގެ މިދަތުރުފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، އެ ދަތުރުފުޅުގައި މަޝްވަރާތައް ކުރެވި، ރަނގަޅު އެއްބަސްވުންތަކެއް އެގައުމާއެކު ގާއިމް ކުރެވިއްޖެ ނަމަ ރާއްޖެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ.

