އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖެލެސްގައި އަންގާރަ ދުވަހުން ފެށިގެން އަނދަމުންދާ އަލިފާންގަނޑުތައް ގަދަ ވަޔާއެކު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވި، ފަޔަރ ފައިޓަރުން އެކަމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލޮސްއެންޖެލެސްގައި އެންމެ ބޮޑަށް އަނދަމުން ދަނީ، ޕެލިސޭޑްސް އަދި އީޓަން ފަޔަރއެވެ. މި އަލިފާންގަނޑުތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާ ކަމަށް ލޮސްއެންޖެލެސް ޓައިމްސް އިން ބުނެއެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި، މަރުވީ 24 އެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.
ޕެލިސޭޑްސް އަދި އީޓަން އަލިފާންގަނޑުގެ އަދިވެސް ކޮންޓްރޯލް ނުވާއިރު، ވައި ގަދަވުމުގެ ސަބަބުން އޭގެ ބާރު އިތުރަށް ގަދަވެދާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. އަދި އެ އަލިފާންގަނޑުތައް ނިއްވުމުގައި ހޯދުނު ކުރިއެރުންތައް، ފަހަތަށް ޖެހިދާނެކަމުގެ ބިރު ވެސް އެބައޮތް ކަމަށް ޚަބަރުތައް ބުނެއެވެ.
ޔޫއެސްގެ ނެޝަނަލް ވެދަރ ސަރވިސްއިން ބުނީ، ގަޑިއަކު 70 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ކުޑަ އަލިފާން ކަންޏެއް ވެސް، ބޮޑު އަލިފާންގަނޑަކަށް ބަދަލުކޮށްލެވޭނެ ފަދަ ބާރު މިނެއް ކަމުގައެވެ.
އަލިފާންގަނޑު އިތުރަށް ފެތުރިގެންފާނެ ކަމުގެ ބިރަށް، ލޮސްއެންޖެލެސް ކައުންޓީގެ 92،000 މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ވަނީ އަންގައިފައެވެ.
އަދި ގެ ދޫކޮށް ދާން ޖެހިދާނެ ކަމަށް ތައްޔާރަށް ތިބުމަށް 89،000 މީހުންނަށް އަންގައިފައިވާ ކަމަށް ސީއެންއެންގައި ބުނެފައިވެއެވެ.

