ހުނަރު ކުރިއެރުވުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ނައިބު ރައީސްއާ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުން ވަނީ އެ އިންސްޓިޓިއުޓްގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު 150 ދަރިވަރުން މިހާރު ދަސްވެނިވުމަށް ތައްޔާރުވަމުންދާކަން އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. އަދި ސުކޫލްތަކުގެ ހާއްސަ އެހީއަށްބޭނުންނާ ކުދިންނަށްވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެބޭފުޅުންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޓެކްނޮލޮޖީގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި އެމަނިކުފާނުވަނީ މިކަމުގައި އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެމަނިކުފާނު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ދޭ ހިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.