ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޓާޓޫ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރްއެވެ.
މި ޒިޔާރަތުގައި، ޕްރޮފެސަރ އައްސެރް ވަނީ ރައީސްއަށް ކެމްޕަހުގެ މުހިންމު ސަރަހައްދުތައް ދައްކަވާލައްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޓާރްޓޫ ޔުނިވަރސިޓީ އަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީހީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ.
ދުނިޔޭގެ ރިސާރޗް ޔުނިވަރސިޓީތަކުގެ ތެރެއިން އެންމެ މަތިން ދަރަޖަކުރެވިފައިވާ ރިސާރޗްތަކުގެ 1 އިންސައްތަ ހިއްސާކުރާ އެސްޓޯނިއާ ސަރުކާރުގެ މި ރިސާރޗް ޔުނިވަރސިޓީގައި، 100 އަށްވުރެ ގިނަ ގައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަގްވާމީ ދަރިވަރުން ހިމެނޭހެން، 14،300 ވަރަކަށް ދަރިވަރުން ކިޔަވަމުންދެއެވެ.
ޖީނޯމިކްސް، ކޮމްޕިޔުޓަރ ސައިންސް އަދި މެޓީރިއަލް ސައިންސްގެ ރޮނގުން ފާހަގަކޮށްލެވޭ މި ޔުނިވަރސިޓީގެ އެސްޓޯނިއާގެ އެކިއެކި ކެމްޕަސްތަކުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލުކުރައްވާފައެވެ.
މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުސަތުތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަގޮތެއްގައި މަޝްވަރާތައް އަމާޒުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

