ފާއިތުވި 15 މަސްދުވަހު، ޣައްޒާގައި މެދުކެނޑުމެއްނެތި ދެމުން ދިޔަ ހަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފިއެވެ.

ރިޕޯޓުތައް ބުނާގޮތަށް ހަމާސް އާއި އިޒްރޭލާ ދެމެދު ހަމަލާތައް ހުއްޓައިލަން އެއްބަސްވީ، ޔަހޫދީ ރަހީނުން ދޫކޮށްލުމަށާއި، އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ ހައްޔަރީން ދޫކޮށްލާ ގޮތަށް އެއްބަސްވެގެންނެވެ.

ހަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އާދެވިފައި މިސްރާއި ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަށް ފަހުގައެވެ.

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުއެވެ. އެ މީހުންގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 46000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ.

ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމަކާ ހަމައަށް އާދެވެނިކޮށް، ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް އިޒްރޭލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ 62 މީހަކު ޝަހީދުކޮށްލައިފައެވެ.

މިއީ ސްކޫލްތަކުގައި ހިމާޔަތް ހޯދައިގެން ތިބި މީހުންނަށާއި، ބައެއް ގެތަކަށް ހަމަލާދީ ޝަހީދުކޮށްލި މީހުންގެ އަދަދެވެ.