މާލޭގެ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގެ ޒިންމާ އަދާ ކުރަނީ މާލެ ސިޓީ ކައުންސިލުންކަން ސަރުކާރުން ބަލައިނުގަންނަ ކަމަށާއި، މިއަދާ ހަމައަށްވެސް ބޯހިޔާވަހިކަމާ ގުޅުން ހުރި އެއްވެސް ކަމެއްގައި ސަރުކާރުން ކައުންސިލުގެ އަޑު އަހާފައި ނުވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ސިޓީ ކައުންސިލުގެ އަޑު އަހަން ޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ ބަޔަކީ ކައުންސިލު މެމްބަރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ހައުސިންގެ މައްސަލައިގައި ސަރުކާރުން އެއްގޮތަކަށްވެސް ރިކަގްނައިޒްވެސް ނުކުރޭ، ކައުންސިލަކީ އޮންނަ އެއްޗެއްކަންވެސް. އެހެން މިދެންނެވީ، މި ދޮޅު އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާއިން.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު މިހެން ވިދާޅުވިއިރު، ސިޓީ ކައުންސިލުން ވަނީ ގުޅީފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހެދުމަށް މަސައްކަތް ކޮށްފައެވެ.

މޭޔަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހުގައި، ތިރީސްހާސް ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް މުއިއްޒު މީގެ ކުރިން ފާހަގަކުރެއްވިއެވެ.

ނަމަވެސް އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މީގެއިތުރުން މާލެ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ހުޅުމާލެއިން ގޯތި ވިއްކުމާވެސް ސިޓީ ކައުންސިލުން ދެކޮޅެވެ.