ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު އަންނަ ހޯމަ ދުވަހުން ފެށިގެން ބަހަން ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސައުދީއިން ހަދިޔާކޮށްފައިވާ ކަދުރު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހާ ހަމައަށް ބަހާނެ ކަމަށެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:00 އަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުންނެވެ.

ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީއިން ވަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަމަހު އިފްތާރު ޕްރޮގްރާމްތައް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ފަރާތްތަކަށް ވެސް ކަދުރުދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން މިނިސްޓްރީގައި ނަންނޯޓް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.