މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ބާއްވައިފިއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެމްއޭސީއެލްގެ އިދާރާގައި ހަ މަސް ދުވަހުގެ މުއްދަތަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

އިންޓާންޝިޕް ފުރިހަމަކުރި ހަތަރު ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ދާއިމީ ވަޒީފާ ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިފަދަ އެހެނިހެން ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.