ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރަސްގެތީމު ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަަރައްގީއަށް ބޭނުން މުހިންމު ކަންކަން ރައީސްއާއި ހިއްސާކުރައްވާފައެވެ.
މިގޮތުން ރަސްގެތީމުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، ރަށުގެ ކަރަންޓު ވިއުގަ މަރާމާތުކޮށްދެއްވުމަށާއި، ފެނާއި ނަރުދަމާގެ ކަނެއްޝަންގެ މައްސަލަ ހައްލު ކޮށްދެއްވުމަށާއި، ރަސްގެތީމު ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމާއިއެކު، އިތުރު ކުލާސް ރޫމް ތަކަކާއެކު، މަލްޓީ ޕާރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށުގައި ކުޑަ ކުދިންގެ ޕާރކެއްގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރަސްގެތީމުގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ރަސްގެތީމުގައި އަލަށް އިމާރާތްކޮށްފައިވާ ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

