އެމެރިކާގެ ކެލިފޯނިއާގެ ލޮސްއެންޖެލެސްއާ އުތުރުން އޮންނަ ސަރަހައްދެއްގައިވާ ފަރުބަދަތަކެއްމަތީގައި އައު އަލިފާންގަނޑެއް ރޯވެ އަނދަން ފަށައިފިއެވެ.

ވައިގަދަވެ، ރަތް އިންޒާރާއެކު އަނދަން ފަށާފައި ވަނީ ކެސްޓެއިކް ލޭކް ކައިރީގައިވާ ސަރަހައްދެއްގައެވެ.

”‏ހިއުސް ފަޔަރ“ގެ ނަން ދެވިފައިވާ މި އަލިފާންގަނޑު ވަނީ، މަދުގަޑިއިރެއްގެ ތެރޭގައި 8،000 އޭކަރުގެ ސަރަހައްދަކަށް ފެތުރިގެންފައި ކަމަށް ޚަބަރުތައް ބުނެއެވެ.

މި އަލިފާންގަނޑާ ގުޅިގެން 19000 މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް އަންގާފައިވެއެވެ. އަދި 16000 މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިދާނެކަމުގެ އިންޒާރު ދީ، އެކަމަށް ތައްޔާރަށް ތިބުމަށް އަންގައިފައެވެ.

ހިއުސް ފަޔަރ ކައިރީގައި، ފަޔަރ ފައިޓަރ ޓްރަކެއް

ވައިގަދަވުމުގެ ސަބަބުން މި އަލިފާންގަނޑު އިތުރަށް ފެތުރިގެންދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގަދަ ވައިގެ ސަބަބުން އިތުރު އަލިފާންގަނޑުތައް ރޯވެދާނެތީ، ނެރެފައިވާ ރެޑް ފްލެގް އިންޒާރާ ގުޅިގެން ކެލިފޯނާގެ ދެކުނުގައި މިހާރު ވެސް 1100 ފަޔަރ ފައިޓަރުން ތައްޔާރަށް ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.

ލޮސްއެންޖެލިސްގައި ރޯވި އީޓަން ފަޔަރ 91 ޕަސެންޓަށް ކޮންޓްރޯލް ވެފައިވާއިރު، ޕެލިސޭޑްސް ފަޔަރގެ 68 ‏އިންސައްތަ މިހާރު ވަނީ ކޮންޓްރޯލް ވެފައެވެ. ކެލިފޯނިއާ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ، މި ދެ އަލިފާންގަނޑުގެ ސަބަބުންނެވެ.