ރާއްޖޭގެ ބްރޯޑްކާސްޓިންގެ ހިދުމަތަކީ، ދުރުދުރުގައި މާކަނޑެއްގެ އުސްރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން، ގައުމީ ބަދަހިކަމުގެ އަގުހުރި ހާދިމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، ”ވިޝަންސް އޮފް ދަ ފިއުޗަރ“ ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބްރޯޑްކާސްޓިން ދާއިރާގެ ހިދުމަތްތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދީ، އެ ދާއިރާއާ މެދު ޝައުގުވެރިކަން އުފެއްދުމަކީ މުހިންމުކަމެއް ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ކުރެހުމުގެ މުބާރާތް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދަރިވަރުންގެ ކެރިއަރ ބިނާކުރުމުގައި އެހީތެރިވެވިދާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމެއްގެ ނިސްބަތުގައި ޓީވީ އާއި ރޭޑިއޯ އަދާކުރާ ދައުރު، ފަހުގެ ޖީލުތަކަށް އެނގުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އިނާމުތައް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.

އިނާމުތައް ހަވާލުކުރެއްވުމަށްފަހު، ޚާއްޞަ ފޮޓޯއެއް ނެންގެވުންވެސް އޮތެވެ. އަދި އެކަމަނާ ވަނީ، ”ވިޝަންސް އޮފް ދަ ފިއުޗަރ“ ގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.