މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދުމުގެ މުއްދަތު 15 އޮކްޓޯބަރުގެ ނިޔަލަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިތުރުކޮށްފިއެވެ.

އެމިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް މި ދެ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 12:00 ގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭ ރައްޔިތުންނަށް 5000 ގޯއްޗާއި، 4000 ފުލެޓު ދޫކުރުމަށް ނިންމައި، ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫންމަހުގައެވެ. ކުރިމަތިލުމުގެ ސުންގަޑިއަކަށް ކުރިން އޮތީ މި މަހުގެ 26 ވަނަ ދުވަހެވެ.