ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު އިހަވަންދޫ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި އިހަވަންދޫ ކައުންސިލުން ވަނީ، އެ ރަށު ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ހުރި ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.
ރަށު ސިއްހީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް ހޮސްޕިޓަލެއް ބިނާކުރުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިހަވަންދޫގެ އިޚުތިޞާޞްގައި ހުވަހަންދޫ ހިމަނައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދަށް ފެނާ ކަރަންޓާއި ނަރުދަމާގެ ހިދުމަތް ނުލިބި ގިނަދުވަސް ވަމުންދާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ މަރުކަޒަކާއި އިންޑޯ ކުޅިވަރަށް ޚާއްޞަ މަލްޓިޕަރޕަސް ކޮމްޕްލެކްސްއެއްގެ މުހިންމުކަންވެސް ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ އިތުރުންވެސް އެ މަނިކުފާނު ވަޢުދު ވެވަޑައިގެންފައިވާ ކަމެއްވާނަމަ، އެ ކަންކަން ފުއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އިހަވަންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

