އިޒްރޭލުން މެދުކެނޑުމެއް ނެތި، ޣައްޒާ އަށް ދެމުން ދިޔަ ހަމަލާތައް ހުއްޓައިލުމުން، ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދިޔަ 500،000 މީހުން ޣައްޒާއަށް އެނބުރި އައިސްފިއެވެ.

އެނބުރި އާދެވުނީ ސުންނާފަތިކޮށްލައިފައިވާ ތަނަކަށެވެ. އަމިއްލަ ބިމުގައި އާ ދިރިއުޅުމެއް އާރާސްތު ކުރުމުގެ މަސައްކަތް އަލުން ބަލުން ފަށަން ޖެހުނީއެވެ. ކުރިން އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ގެ ހުރި ތަނުގައި ޓެންޓެއް ޖަހަން ޖެހިއްޖެއެވެ.

ނަމަވެސް ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނަސް ޣައްޒާގެ ރައްޔިތުން ތިބީ، އަލުން ދިރިއުޅުން އާރާސްތު ކޮށް، ޣައްޒާ ބިނާ ކުރުމުގެ އަޒުމުގައެވެ.

އެނބުރި ގެއަށް އާދެވުނަސް، ޣައްޒާގައި އެންމެ އަސާސީ ބޭނުންތައް ފުއްދުމަކީ ވެސް ދަތިކަމެކެވެ.

ހަނގުރާމައިގައި މަރު ނުވެ ސަލާމަތްވި މީހަކު ބުނީ، ފައިސާ ހުސްވެ، އެހީދޭ އެޖެންސީތަކުން ބަހަން ހުރި ތަކެތި ވެސް ހުސްވެ،  މުއްދަތު ހަމަވެފައިވާ ދަޅު މަހާއި، ފަނި އަޅާފައިވާ ފުށް ވެސް ”ލަގްޒަރީ“ އަށް ވެފައިވާ ކަމުގައެވެ.

ބުއިމާއި ކެއްކުމާއި، ފެންވެރުމަށް ފެން ހޯދުމަކީ ވެސް، އޭނާ ބުނާގޮތުގައި، ޣައްޒާގައި ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، މަރުން ސަލާމަތް ވިޔަސް، ޣައްޒާގައި ދިރިއުޅުމަކީ ހިތްދަތި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަކީ އާދަޔާ ހިލާފު ހިތްވަރެއް ލިބިގެންވާ ބައެކެވެ. ޔަހޫދީންގެ އަނިޔާތަކުން ”ބްރޭކެއް“ ލިބުމުން، އެ މީހުން ތިބީ އާ ފެށުމަކުން ފަށައި، ޣައްޒާ ކޮޅަށް ޖަހަން ތައްޔާރަށެވެ.