މިރޭ ފެނިގެންދިޔައީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ ތަންމިނަށް ހުޅުވައިލައި، އެފަދަ ހަރަކާތަށް ސާފު ޖާގައެއް ކަށަވަރު ކޮށްދިން މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
”ފުދިއްޖެ، ފުނޑިއްޖެ“ މި ނަމުގައި އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާއާ ގުޅޭގޮތުން އޭނާ ވިދާޅުވީ، މަލްޓިޕާޓީ ނިޒާމަށް ރާއްޖޭގެ ވެރިކަން ކުރަން ފެށިފަހުން، ދަގަނޑު މުގުރާއި، މިރުސް ދުން ބޭނުން ނުކޮށް، ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތީން ޝުުއޫރު ފާޅުކޮށް، މުޒާހަރާކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަ ފަހިކޮށްދިން ފުރަތަމަ ސަރުކާރަށް ދިވެހީންގެ މި ސަރުކާރުވާނެ ކަމަށެވެ.
”ފުލުހުންގެ ފަރާތުން ފެނުނީ މަގުމަތީ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ، ބަލަހައްޓާ، އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ސިޔާސީ ހަރަކާތަށް ސާފު ޖާގައެއް ކަށަވަރުކޮށްދިން މަންޒަރު.“ އޭނާ ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ، މާޒީގައި އެކިއެކި ސަރުކާރުތަކުން، ފެނިގެންދިޔައީ، އިދިކޮޅު ޕާޓީތަކުގެ ޝުއޫރު، ރައްޔިތުންގެ އަޑު އިއްވަން ރީތިގޮތުގައި ސިޔާސީ ޕާޓީތައް ނުކުންނަ ކޮންމެ ފަހަރަކު، އެއިރެއްގައި އޮންނަ ސަރުކާރަކުން، ފުލުހުންނާއި ސިފައިން ފޮނުވާ، ދަގަނޑު މުގުރާއި މިރުސްދުމުގެ ބާރު ދިވެހީންނަށް ދައްކާ އަނިޔާކުރި މަންޒަރު ކަމަށެވެ.
އަދި ރައީީސް ޑރ.މުހައްމަދު މުއިއްޒުގެ މި ވެރިކަމުން އެމަންޒަރު ނުދައްކާ، ފެނިގެން މިދިޔައީ، ސިޔާސީ ޕާޓީތަކަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ޖާގަ ތަންމިނަށް ހުޅުވާލަދީ، ޑިމޮކްރަސީގެ ރީތި އިންތަކާއި މިންތަކާއި ހަމަތަކަށް އަމަލުކުރި މަންޒަރު ފެނިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
މިރޭގެ ރެލީއާ ގުޅިގެން، އިދިކޮޅު އެމްޑީޕީން އުޅެނީ ވެރިކަމުން ބޭލުމުން އެކަން ”ހަޖަމު ނުވެގެން“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މުޅި ރާއްޖެއަށް ދައުވަތު ދީގެން، މީހުން ގެނައުމަށް މަސައްކަތްކޮށް، މަދު ބަޔަކާއެކު އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ އެއްވުމާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށެވެ.
”ވެރިކަމުން ބޭލީމަ ތިއުޅެނީ ހަޖަމު ނުވެގެން. ދިވެހި ރައްޔިތުންނާއި މި ގައުމު ފުނޑާލާފައި އޮތީ ތިބޭފުޅުން. ހައްގުވެރިން އަތުން ފުލެޓާއި ނުހައްގުން ބިން ބަހާފައި އޮތީވެސް ހަމަ ތިބޭފުޅުން.“ ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެންވެސް އެމްޑީޕީ ބަލި ކުރާނެ ކަމަށެވެ.
މިރޭގެ އެއްވުމުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން ހައްޔަރު ނުކޮށްފިނަމަ މުލިއާގެ ދޮށަށް އެއްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ހިނގައިލުމުގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ވިދާޅުވެފައެވެ.

