ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެެވެ.

އޮންލައިން ނޫސް ”ވަގުތަށް“ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ، ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކައަށް ރައްދު ދެއްވާފައެެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ގޮސް ދައްކާ ވާހަކަތަކާއި ޕާޓީގެ މެނިފެސްޓޯގައި އޮންނަ ވާހަކަތަކާއި ތަފާތު ކަމަށެވެ.

”މެންބަރުން ވަރަށް ގިނައިން ވިދާޅުވޭ ރިޔާސީ ވައުދުގެ ގޮތުގައި ވެފައިވާ ވައުދުތައް. އާންމު އުސޫލެއްގައި ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތަކީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް. އިއްޒަތްތެރި މެމްބަރުން ވިދާޅުވޭ އެވެނި އަދި މިވެނި ރަށަކަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް. އެއީ ވައުދެއް ކަމަށް. ނަމަވެސް އަޅުގަނޑަަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާން މި ޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު،“ އެމަނިކުފާނު ވިދާޅުވިއެވެ.

މިވާހަކަފުޅަށް ރައްދު ދެއްވައި މިއުވާން ވިދާޅުވީ ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަދި އެކިއެކި ބައްދަލުވުންތަކުގައި ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ހިޔާލާއި ޝަކުވާއަށް ހައްލެއް ހޯއްދަވައިދެއްވުމަށް އަޅުއްވާނެކަމަށްވާ ވިދާޅުވާ ފިޔަވަޅުތަކަކީ އަދި ކޮށްދެއްވާނެކަމަށް ވިދާޅުވާ ކަންކަމަކީ ކަމާ ގުޅުން ހުރި އިދާރާތަކާއި ބޭފުޅުންނާއި މަޝްވަރާކުރެއްވުމަށްފަހު ވިދާޅުވާ ވިދާޅުވުމެއް ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން ކައިރިވެފައިވާއިރު، ބައެއް ރަށްތަކުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާ ކަމަށް އެރަށްރަށުން ފާހަގަ ކުރެއެވެ.