ހައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރަންޖެހޭ ހޭދަ މި ދައުރުގެ ތެރޭގައި ކުޑަ ކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމުގެ ގޮތުން، ރޭ ބޭއްވި ”އަހާ“ ފޯރަމްގައި، އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، މި ދައުރުގެ ތެރޭގައި ގައްޖަށް ދިޔުމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށެވެ.

އެގޮތުން މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއެކު އަންނަ އަހަރު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ހައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަމަށާއި، ރައީސްގެ އިރުޝާދުފުޅާއެކު ހައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރެވެމުންދާއިރު، މިވަގުތު ވަކި ދުވަހެއްގައި މިކަން ހާސިލުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

”އެހެންނަމަވެސް ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވެމުންދާއިރު، ހިލޭ 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދެވުމުގެ ގޮތުން، މިދިޔަ އަހަރު 50 މީހުން ހިލޭ ހައްޖަށް ފޮނުވައިފައިވެއެވެ.