ވެރިކަން ލިބިވަޑައިގެންފިނަމަ، އެކަން ކުރައްވާނެ ކަމަށާއި، އެނޫން ވަޒީފާއެއް އަދާ ނުކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް، އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެެެއެވެ.

ރާއްޖެ ޓީވީން މިއަދު ގެނެސްދިން ”ފަށާއިރު“ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ނާޒިމް ވިދާޅުވީ އޭނާ އާއި ބައެއް މަޖިލިސް މެމްބަރުން ގުޅިވަޑައިގެން އެމްއެންޕީ އުފެއްދެވީ ގައުމަށް ހިދުމަތް ކުރުމުގެ މަގްސަދުގައި ކަަމަށެވެ.

ނާޒިމް ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކުން މިހާރު ވިސްނަނީ ސަރުކާރުން މަންފާ ހޯދަން ކަމަށާއި އެމްއެމްޕީން ނުކުތީ އެބޭނުމުގައި ނޫން ކަމަށެވެ.

”ރައީސްއަކަށް ހުރެގެން މި ކީއްތޯ މިކުރަނީ؟ ފައިދާ ނަގަނީ ހުރިހާ ބޭފުޅުން. އަޅުގަނޑު ބޭނުންވާ ވަޒީފާއެއްވެސް ނެތް މި ގައުމުގައެއް. އަޅުގަނޑު ހަމައެކަނި، ރައްޔިތުން އަޅުގަނޑު ކައިރީ ވަލިއްޔުލްއަމްރުގެ މަގާމު އަދާކޮށްދޭން ބުނެފިއްޔާ، އެކަން ކުރާނަން. އެނޫނީ އަޅުގަނޑު ވަޒީފާއެއް ގޮތަށް އަދާކުރާނެ އެއްވެސް ކަމެއް ނޯންނާނެ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ކޯލިޝަން ހަދައިގެން ކުރާ ވެރިކަން ކާމިޔާބު ނޫން ކަމަށް ވިދާޅުވެ، ”މަސްހުނިގަނޑެއްހެއް“ އޮތުމުން ގެއްލުން ދައްކާ ކަމަށްވެސް ވިދާޅުވެފައެެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައިވެސް މަަސައްކަތް ނުކުރައްވާ ވަޒީރުން ތިއްބެވި ކަމަށް ވިދާޅުވެ، ސަރުކާރު ހިނގަންޖެހޭ ގޮތަށް ނުހިނގާ ކަމަށް ވިދާޅުވެފައެެވެ.

ރައީސް ސޯލިހު ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތަށް ނާޒިމް ތައުރީފުވެސް ކުރެއްވިއެވެ. ނަމަވެސް ވިދާޅުވީ އެކި ޕާޓީތައް ގުޅިގެން މަސައްކަތް ކުރާތީ، ދާންވާ ހަލުވި މިނުގައި ގައުމު ނުހިންގޭ ކަމަށެވެ.