ދ.އަތޮޅުގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ނިލަންދެ އަތޮޅު ދެކުނު ބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެއުސޫލުން ބޭނުންކުރައްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ.

އުއްދޫ މިހާރު ހަވާލުކުރައްވާފައި ވަނީ، ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށް ބަލަހައްޓަވާނީ އެ މިނިސްޓްރީން ކަމަށާއި، އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ މިނިސްޓްރީގެ ތެރެއިން ފަހިވެގެން ދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅުން ހުރި ތަފްސީލުތައް، އެ މިނިސްޓްރީން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މީދޫގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އެތައް ކަމެއްގެ ވާހަކަފުޅު، ރައީސް މިރޭ ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ނިޒާމުގެ ހިދުމަތް، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ލިބެން ފަށާނެ ކަމަށާ، ރަށަށް ދިމާވެފައި އޮތް ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ވެމްކޯ މެދުވެރިކުރައްވައި، ވަރަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މީދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

މީދޫގެ ތަރައްގީއަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ސޮއިކުރައްވާފައެވެ.

މީދޫގައި ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލު ސޮއިކުރެއްވިއިރު، މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.

މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދު الله މުއްތަލިބް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓާޔަޑް) އަހްމަދު ސައުދީއެވެ.

އަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.