ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ، ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލުގެނެވިފައިވާކަމަށާއި، ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިކަމުން އިސްތިސްނާ ވާނީ، ބުރިޖު އަޅާ ސަރަޙައްދުން ގޯތި ލިބޭ މީހުން އެކަނި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނޭކަމަށް ވިދާޅުވެފައެވެ.

އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އުތުރު ތިލަފަޅަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލެޓް ލިސްޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެއްވިފައި ކަމަށާއި، އިތުރަށް ލަސްކުރުމެއް ނެތި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރުއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.