މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް، މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރިލް 15 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭކަމަށާއި އެތައް ގުނައެއް ފައިދާ ޖައްސައިގެން ބޭހުން ވިޔަފާރި ކުރުން ނިމުމަކަށް ގެނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން ނިމުމަކަށް ގެނެވިފައިވާކަމަށް ވިދާޅުވެފައެވެ.

އަދި މި ފަހަކަށް އައިސް ކުރިމަތިވި ބޭހުގެ ދަތިކަމަކީ، ސީދާ މި ކަމުގެ ސަބަބުން ކުރިމަތިކުރުވި ދަތިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް އެއްވެސް ފަރާތަކުން، ރައްޔިތުންނަށް ދަތިކުރުމުގެ ފުރުސަތު މި ސަރުކާރަކުން ނުދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.