ދ.ހުޅުދެލީގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

އެ ރަށުގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ، ދ.އަތޮޅަށް މިހާރު ފައްޓަވައިފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ހުޅުދެއްޔަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

ހުޅުދެލީގެ ރައްޔިތުންނާ މިއަދު ބަދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށުގައި އޭޓީއެމް ބެހެއްޓުމާއެކު އެއް އަތޮޅެއްގެ ހުރިހައި ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށި ފުރަތަމަ އަތޮޅަށް ދ އަތޮޅުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ތާރީހީ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

”އެކަމަށްޓަކައި، މި ރަށާ، މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުދެލީގައި ވެސް އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދ.ހުޅުދެލީގައި-

މި ވައުދު ފުއްދުމަށް ބީއެމްއެލްގެ މެނޭޖްމަންޓުން ދެއްވި އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންކަމުގެ އަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެއެވެ.