އަންނަ ބުރާސްފަތި ދުވަހު ”ގެދޮރިވެރިޔާ“ ސްކީމްގެ ދަށުން 4000 ފްލެޓް ލިސްޓު ލިބޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓު އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ދ.ހުޅުދެއްޔަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހައުސިންގ މިނިސްޓްރީން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށާއި، ލިސްޓް އާއްމު ކުރާ އިރު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށެވެ.
“ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީން، ހައުސިން މިނިސްޓަރ ބާއްވާ ޕްރެސް ކޮންފަރެންސަކަށް ފަހު އަޅުގަނޑުމެން އެ ލިސްޓް އިއުލާން ކުރާގޮތަށް އޮތީ ހަމަޖެހިފައި“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓު އާއްމު ކުރުމުން، ފްލެޓު ނުލިބޭ ފަރާތްތަކަށް ފްލެޓު ނުލިބެނީ ކޮން ސަބަބަކާ ހުރެ ކަން ވެސް ވަރަށް ތަފްސީލުކޮށް އެނގޭނެކަމަށެވެ.
4000 ފްލެޓު ލިބުނު މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރަން ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ލިސްޓުގައި ވަރަށް ގިނަ މައްސަލަތައް ފާހަގަވުމާ ގުޅިގެންނެވެ.
މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީީސް މުއިއްޒު ވިދާޅުވެފައި ވަނީ، އައިޑީ ކާޑު އެކަނި ހުށަހެޅި މީހުންނަށް ވެސް ފްލެޓު ދީފައިވާ ކަމަށެވެ.

