ދ.ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ލަސް ވެގެން މި އަހަރުގެ ޖުލައި މަސް ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހުޅުދެއްޔަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިމުގެ ދަތި ކަމަކީ، ހަގީގަތުގައި ވެސް ހުޅުދެއްޔަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، ރަށުގެ ފަޅު ތެރެއިން، ބިން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކުމަށް މި ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ.

އަދި މިއީ، ސަރުކާރުން ހުޅުދެލީގައި ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ އެންމެ މުހިންމު މަޝްރޫއުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީީސް ޑރ.މުހައްމަދު މުއިއްޒު ދ.ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން-

”އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ހަފްތާތަކުގައި، މިކަމާ ބެހޭ، ފައިނަލައިޒް ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންގޮސް ނިންމާނަން، އެމްޓީސީސީއާ ކޮންސްޓްރަކްޝަން މިނިސްޓްރީއާ އެކީގައި އެގްރީމަންޓަކާ ހަމައަށް ދިޔުމަށްޓަކާ، ނިންމަން ހުރި ބައެއް ކަންކަން އެބަހުރި.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޝްރޫއު ފެށުމަށް ނިންމަން ޖެހޭ ކަންކަން ނިންމައި، އީއައިއޭ ހެދުމަށް ފަހު، ހުޅުދެލީގެ ފަޅުތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް، އެންމެ ލަސް ވެގެން ޖުލައި މަސް ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށެވެ.